އިނގިރޭސިވިލާތަށް ދިމާވެފައިވާ ސަލާމަތީ ނުރައްކާތަކާ ގުޅިގެން، ހަނގުރާމައަކަށް ތައްޔާރުވެ، ޤައުމީ ދިފާޢަށްޓަކައި ޤުރުބާނީތަކެއް ވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ގޮވާލައިފިއެވެ.
އިނގިރޭސި ސިފައިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން ޖެނެރަލް ސަރ ރޯލީ ވޯކަރ ބުނީ، ޤައުމުގެ ސަލާމަތަށްޓަކައި ރައްޔިތުންވެސް ބައިވެރިވާންޖެހޭ ކަމަށާއި، މިކަމާ ގުޅޭގޮތުން ސިޔާސީ ވެރިން ވަރަށް އަވަހަށް ރައްޔިތުންނާ ސީދާ ވާހަކަދައްކާނެ ކަމަށެވެ. އަދި ސިފައިންނަށް އެހީތެރިވުމުގެ ގޮތުން ރައްޔިތުންވެސް ޤުރުބާނީތަކެއް ވާންޖެހޭނެކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ މަސްރަޙު މިހާރު އޮތް ގޮތުން ރަޝިޔާ އަދި އީރާނު ފަދަ ޤައުމުތަކުގެ ފަރާތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށް ޖެނެރަލް ބުންޏެވެ. މީގެ އިތުރުން، ކުއްލި ޙާލަތަކަށް ނުވަތަ ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން ގޭގައި ފައިސާއާއި، ދަޅުކާނާ އަދި ފެން ރައްކާކޮށްފައި ބެހެއްޓުމަށް އިނގިރޭސި ޑިފެންސް ސެކްރެޓަރީ ވަނީ އާންމުންނަށް ގޮވާލާފައެވެ.














