މާލޭ ހޭންޑްބޯޅަ ކޯޓު އިންޑޯ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، އެ ތަނުގެ ބޭނުން އަވަހަށް ހިފެން ފަށާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުއްﷲ ރާފިއު ވިދާޅުވެއްޖެއެވެ. ސަރުކާރުން ބާއްވަމުން އަންނަ ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މާލޭގެ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރުމަކީ ކުޅުންތެރިންނާއި އެތްލީޓުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެތްލީޓުންގެ ފޯރަމެއްގައި ޒުވާނަކު ކުރި ސުވާލެއްގައި، ހޭންޑްބޯޅަ ގައުމީ މުބާރާތް ކުރިއަށްދާއިރު ވިއްސާރަވެގެން މުބާރާތްތައް މެދުކަނޑާލަންޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދިފައިވާ ކަމަށެވެ. މާލޭގައި މުބާރާތްތައް ބާއްވާއިރު ވިއްސާރަވެގެން މުބާރާތް ފަސްވެގެންދިޔުމުގެ ސަބަބުން، އަތޮޅުތަކުން އަންނަ ކުދިން މާލޭގައި ގިނަ ދުވަސްތަކަކު ތިބެންޖެހި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އެހެންވެ މާލޭގެ ހޭންޑްބޯޅަ ކޯޓު އިންޑޯ ތަނަކަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިންޑޯ ކޯޓަކަށް އެ ތަން ބަދަލުކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިންޑޯ ތަނަކަށް ބަދަލުވުމުން ވިއްސާރަވިއަސް މުބާރާތްތައް މަޑުޖެހުމެއް ނެތި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ދުވާލުގެ އެކި ވަގުތުތަކުގައި، މެންދުރުގެ އަވީގައިވެސް މުބާރާތްތަކާއި މެޗުތައް ކުޅެވޭނެ ގޮތް ހަމަޖެހި، އެކަކަށްފަހު އަނެކަކަށް ގިނަ މެޗުތަކެއް ޖެހިޖެހިގެން ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތާ މެދު ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ރޭވި ނަމަވެސް ދިމާވި ބައެއް މައްސަލަތަކާ ހުރެ ކުޑަކޮށް ލަސްވި ކަމަށެވެ. ނަމަވެސް ހޭންޑްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން، މިހާރު އެތަނުގެ ފްރޭމް އެއްކޮށް ނިމެމުންދާ ކަމަށާއި، އެތަނުގައި އެޅުމަށް ބޭނުންވާ ސާފޭސްގެ ޕޭމަންޓްވެސް ހަދާ ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ރާފިއު އިތުރަށް ވިދާޅުވީ، އުއްމީދަކީ އެ ތަނުގެ މަސައްކަތް ވަރަށް އަވަހަށް މުޅިން ނިންމާލެވުން ކަމަށެވެ. އަދި އެ ތަން ނިމި ބޭނުންކުރަން ފެށުމުން، މިހާރު ހޭންޑްބޯޅަ ކުޅުންތެރިންނަށާއި މުބާރާތްތައް ބާއްވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ބޮޑެތި ތަކުލީފުތަކާއި ޕްރެޝަރަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.














