ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ސަބްސިޑީއަށް ކުރަންޖެހުނު ޚަރަދު ބޮޑުވި ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ރަނގަޅުވެ އިގުތިސާދީ ކުރިއެރުން ފެނަނީ އުޖާލާކޮށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ މާލީ ހާލަތު ބަލައިގަނެ ރޭޓިން ރަނގަޅުކުރުމަކީ ކުރިއަށް އޮތް ތަނުގައި އިގުތިސާދު ސަހީ މަގަށް އެޅުމަށް ލިބުނު ބޮޑު ބާރެއް ކަމަށެވެ.
މި ސަރުކާރުގެ ދައުރު ފެށުނު ފަހުން މިހާތަނަށް ދައުލަތުގެ ދަރަނި އަދާކުރުމަށް 1.42 ބިލިއަން ޑޮލަރު ދައްކާފައިވާކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، މިއަހަރަކީ ދަރަނި ދެއްކުމުގައި އެންމެ އުނދަގޫ އަދި ބުރަ އަހަރު ކަމަށެވެ. ނަމަވެސް ދައްކަންޖެހޭ ލޯނުތައް ބަރާބަރަށް އަދާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިގުތިސާދީ ދާއިރާއިން މިއަހަރު ފެށުނީ ވަރަށް އުއްމީދީ ގޮތެއްގައި ކަމަށާއި، ޚާއްޞަކޮށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ޚަރަދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.
އެގޮތުން މިއަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ކަނޑައެޅި ނަމަވެސް، ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކާއެކު އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 4.3 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހުނު ކަމަށް ޒަރީރު ވިދާޅުވިއެވެ.
މިފަދަ ގޮންޖެހުންތަކާއެކުވެސް ދައުލަތުގެ މާލީ ހާލަތު އިސްލާހުކުރުމަށް ކުރެވޭ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަމުންދާކަމަށާއި، ކުރިއަށް އޮތް ތަނުގައި އިގުތިސާދީގޮތުން ވަރަށް އަލި މުސްތަގުބަލެއް ފެނިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.












