ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ”ޢިލްމުވެރީންގެ ގުޅުން“ ހަރަކާތުން ކުރިއަށްގެންދާ ދިރާސާގެ މަސައްކަތް އަދި ނުނިމެނީސް، އެ ދިރާސާއާ ޙަވާލާދީ ”އަދަދު“ ނޫހުން ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ ދީނީ ޢިލްމުވެރީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރަސްމާލެ މަޝްރޫޢު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް ޢިލްމުވެރީންގެ ގުޅުމުން ތައްޔާރުކުރި ތަޙުޤީޤީ ދިރާސާއެއްގައި ބުނެފައިވާ ކަމަށް ބުނެ އަދަދު ނޫހުން ޚަބަރު ފެތުރި ނަމަވެސް، އެ ހަރަކާތުގައި ހިމެނޭ ދީނީ ޢިލްމުވެރީން ވަނީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ގުޅުމުން ފަށާފައިވާ ދިރާސާގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި، ދިރާސާ ނުނިމެނީސް އެފަދަ ދޮގު މަޢުލޫމާތު ފެތުރުން އެ ބޭފުޅުން ވަނީ ހަރުކަށިޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.
ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުންނާއި އެފަރާތްތަކުން ފަންޑުކޮށްގެން ހިންގާ މީޑިއާތަކުން ތަކުރާރުކޮށް ދޮގު ޚަބަރު ފަތުރަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، ރަސްމާލެ މަޝްރޫޢާ ބެހޭ އެންމެހައި މަޢުލޫމާތުތައް ސަރުކާރުން ދަނީ ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ހިއްސާކުރަމުންނެވެ.
މީގެއިތުރުން، އެ މަޝްރޫޢުގެ ތެރެއިން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. ޚާއްޞަކޮށް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭނެ ގޮތް ހެދުމާއެކު، އިސްރާއީލްގެ މީހުންނަށް އެއްވެސް ޕްރޮޕަޓީއެއް ނުވިއްކޭނެކަން ކަށަވަރު ކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވެއެވެ.














