ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ދައުލަތަށް ލިބޭ ފައިސާގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ސީދާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއަކަށް ދެއްވި ރަސްމީ ޖަވާބުގައެވެ. މެންބަރުގެ ސިޓީގައި ވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް އާންމުކޮށް ހުޅުވާލައިގެން ބީލަމަށް ނުގޮސް، އީގަލް ހިލްސްއަށް 99 އަހަރަށް ދޭން ނިންމެވި ސަބަބާ މެދު ސުވާލު ކުރައްވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބު ބަޔާންކުރެއްވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ހުށަހެޅުމަށް އޮންނަ ”ޕްރައިވެޓް ސެކްޓާ އިނިޝިއޭޓެޑް ޕްރޮޕޯސަލް“ (ޕީއެސްއައިޕީ) އުސޫލުގެ ތެރެއިން ކަމަށެވެ.
ބިން ކުއްޔަށް ދޫކުރާ މުއްދަތާ ގުޅޭގޮތުން ވަޒީރު ފާހަގަކުރެއްވީ މިހާތަނަށް ސޮއިކުރެވިފައިވަނީ ހަމައެކަނި ވިޔަފާރީގެ މައިގަނޑު އުސޫލުތައް ބަޔާންކުރާ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ކަމަށެވެ. އަދި މަޝްރޫއުގެ އެންމެ ފަހުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ ގާނޫނުއަސާސީއާއި ގާނޫނީ އިމުގެ ތެރެއިން ފުރިހަމައަށް މަޝްވަރާކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މާކެޓުގައި ޕްރޮޕަޓީގެ އަގުތައް އުފުލެމުންދާ ވަރަކަށް މި މުއާމަލާތުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވެއެވެ.














