އަވަށްޓެރިއެއްގެ ފަރާތުން ކުރިމަތިވަމުންދިޔަ އުނދަގުލާއި، ފުރައްސާރަތަކަށް ހައްލެއް ނުލިބިގެން ފުލުހުންގެ އިދާރާ ކައިރީގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ޔަގީންކަން ދިނުމުން ހުއްޓާލައިފިކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
ގާތްގަނޑަކަށް 35 ގަޑިއިރަށްފަހު ހަޅުތާލު ނިންމާލިކަން ހާމަކުރައްވަމުން ސައީދު ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާންގެ ފަރާތްޕުޅުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން މައްސަލައަށް ގާނޫނީ ހައްލެއް ހޯދައިދެއްވާނެކަމުގެ ބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ސައީދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، މީގެ ކުރިން ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށްފަހު ފައިލްކޮށް، ކްލޯޒްކޮށްފައިވާ މައްސަލަތައް އަލުން ހުޅުވައި، އެ މައްސަލަތަކުގެ ޚުލާސާއެއް ތައްޔާރުކުރައްވާނެ ކަމުގެ އިރުޝާދު ހޯމް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ފުލުހުންނަށް ރިޕޯޓް ނުކުރެވި ނުވަތަ ލޮގް ނުކުރެވި ހުރި އިތުރު މައްސަލަތައްވެސް އަލުން ފުލުހަށް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އެއާއެކު، އެ މައްސަލަތައް އަލުން ފުލުހަށް ހުށަހެޅުމަށްފަހު، އާއިލާއާ މަޝްވަރާކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި އާންމުންނާއި މީޑިއާތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން ސައީދު ވަނީ، އިޖުތިމާއީ މީޑިއާއާއި ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަމުގައި އާންމުން ހޭލުންތެރިކުރުވުމަށް ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިސްމާއިލް ނިޒާރު (އިއްސެ) ވެސް އަމިއްލަފުޅަށް ވަޑައިގެން، އާއިލާއަށާއި އަވަށްޓެރިންނަށް ލިބުނު އެހީތެރިކަމަށްޓަކައި ހާއްސަ ޝުކުރެއް ހައްގުވާކަމަށް ސައީދު ވިދާޅުވިއެވެ.











