މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ބަލަހައްޓަމުންދާ ފަންޑުގެ ބޮޑުމިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދެގުނައަށް ބޮޑުކޮށް، 60 ބިލިއަން ރުފިޔާއަށް އަރުވައި ފަންޑު ފުޅާކުރުމަކީ ޕެންޝަން އޮފީހުގެ އެންމެ އިސް އަމާޒު ކަމަށް އެ އިދާރާގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ ޔަޒްމީދު މިކަން ހާމަކުރެއްވީ ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ ”ތްރީ ޖެނެރޭޝަން ވޯކް“ (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެންޝަން އޮފީހުގެ 17 އަހަރުވީ ތާރީޚުގައި މެންބަރުން ދައްކާފައިވާ ފައިސާއާއި އިންވެސްޓްމެންޓްތަކުން ލިބުނު ފައިދާ މުޅިއެކު ހިމެނޭހެން މިހާތަނަށް ފަންޑަށް 30 ބިލިއަން ރުފިޔާ އެއްކުރެވިފައިވާކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އިންވެސްޓްމެންޓް ފުރުޞަތުތައް އިސްނަގައިގެން ހޯދައި، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ނަފާ ކަށަވަރުކޮށްދިނުމަށްޓަކައި ހިންގުމުގެ ނިޒާމު ތަރުތީބުކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޤާނޫނީގޮތުން ޕެންޝަން ސްކީމުގައި ބައިވެރިވާންޖެހޭ ނަމަވެސް، އަދިވެސް ސިސްޓަމްގެ ބޭރުގައި ތިބި ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ސްކީމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިސްކަންދީގެން ކުރަމުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އެގޮތުން ޕެންޝަން ފައިސާގެ ގޮތުގައި ނުލިބި ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައި، ރިކަވަރ ކުރުމަށް ޕެންޝަން އޮފީހުން ވަނީ ޢަޒުމް ކަނޑައަޅާފައެވެ.
ހަނިމާދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ ބޮޑު ތަރުޙީބަކާއެކު ބޭއްވި މި ހަރަކާތަކީ މާލީ ކަންކަމަށް ހޭލުންތެރިކުރުވުމާއި، ފައިސާ ރައްކާކުރުމާއި އިންވެސްޓްކުރުމުގެ މުހިންމުކަން އާއިލާތަކަށް އަންގައިދީ، ރިޓަޔަރމަންޓަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.











