ބ. ކަމަދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެ ރަށުގައި ބިނާކުރާ މިސްކިތުގެ ވަށާފާރު ރޭނުމުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ޢިމާރާތުގެ ލެވެލް 2 ގެ ރޫފް ބީމްތަކުގެ ރީއެންފޯސްމަންޓް މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި މަސައްކަތްތައް ނިމުމުން މިސްކިތުގެ ކޮންކްރީޓް ސްޓްރަކްޗަރގެ ބޮޑުބައި ފުރިހަމަވެގެންދާނެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، މިއީ ރަށުގެ އާބާދީ އިތުރުވަމުން އަންނާތީ، ނަމާދުކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ވީއެންމެ އަވަހަކަށް މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ހުޅުވާލުމަށްޓަކައި ކޮންޓްރެކްޓަރާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.














