މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހަކު، އެ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން އާއިލާއަށާއި އާންމުންނަށް ލިބެމުންދާ ނުރައްކާތެރި އުނދަގޫތަކަށް ކަމާބެހޭ އިދާރާތަކުން ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާތީ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެދި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
މި އިހުތިޖާޖު ފެށި މުހައްމަދު ސައީދު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހެއްގެ ފަރާތުން ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށާއި، އަވަށްޓެރިންނަށް އަދި ހާއްސަކޮށް އޭނާގެ އާއިލާއަށް ނުހަނު ބޮޑެތި އުނދަގޫތަކާއި ބިރުވެރިކަން ދަނީ ކުރިމަތިވަމުންނެވެ.
އެ މީހާގެ ފަރާތުން ފެންނަ ނުރައްކާތެރި އަމަލުތަކުގެ ތެރޭގައި މަގުން ހިނގާފައިދާ މީހުންނާ ދިމާލަށް ހަޑިހުތުރު ބަހުން ހަޅޭއްލެވުމާއި، މަގުމައްޗަށް ސައިކަލުތައް ވައްޓައި ބޯޑުތައް ދަމައިގެން މަގު ބަންދުކުރުމާއި، ގޭގޭގެ ބެލްކަނީގައި ހުރެ މަގުމަތިން ދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުން ހިމެނެއެވެ. މީގެ އިތުރުން ދަންވަރު ބާރަޖަހާއިރުން ފެށިގެން ފަތިސް ވަންދެން މެދުކެނޑުމެއް ނެތި އަޑުގަދަކުރުމާއި، ގޭގޭގެ ތެރެއަށް ވަގަށް ވަންނަން އުޅުމުގެ އިތުރުން ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ޖެހުން ފަދަ ކަންކަން ތަކުރާރުވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސައީދު ބުނީ މި މައްސަލަތައް ތަކުރާރުކޮށް ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓުކޮށް، ގިނަ ހެކިތަކާއެކު ރަސްމީކޮށް ހުށަހެޅި ނަމަވެސް އެއްވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އޭނާގެ އާއިލާއަށާއި އެ މަގު ބޭނުންކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެ ދާއިމީ ހައްލެއް ނުލިބެނީސް ފުލުހުންގެ އިދާރާ ދޫކޮށް ނުދާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް މައުލޫމާތު ދެއްވި ގޮތުގައި އަހުމަދު ފައިރިޝްއަކީ ޝަކުވާ ހުށަހެޅި ސައީދުއާ އާއިލީ ގުޅުމެއް އޮންނަ މީހެކެވެ. އަދި އޭނާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާ ކަމަށާއި، ދާދި ފަހުންވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.













