އޮންލައިން އިޝްތިހާރުތައް މެދުވެރިކޮށް ފޯނުތަކާއި ކޮމްޕިއުޓަރުތަކަށް ވަދެގަނެވޭ، ކުރިން ހޯދިފައިނުވާ އާ ވައްތަރެއްގެ ސްޕައިވެއަރއެއް ބޭނުންކޮށްގެން އިޒްރޭލު ކުންފުނިތަކަކުން އަލްޖަޒީރާގެ މުވައްޒަފުންގެ ފޯނުތަކެއް 2024 ވަނަ އަހަރު ހެކްކޮށްފައިވާކަން ފަޅާއަރައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި އައު އުކުޅަށް ކިޔަނީ ’އެޑްފެކްޝަން‘ އެވެ. މިއީ ’ޒީރޯ-ކްލިކް‘ ސްޕައިވެއަރއެކެވެ. އާދައިގެ ސްޕައިވެއަރތަކާ ޚިލާފަށް، މީގައި އެއްވެސް ލިންކަކަށް ފިތާކަށް ނުވަތަ ފައިލެއް ޑައުންލޯޑްކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި، އިންޓަރނެޓް ބޭނުންކުރާއިރު ފެންނަ އިޝްތިހާރެއް (އެޑްއެއް) ސްކްރީނުން ފެނިގެން ދިއުމާއެކު، އަމިއްލައަށް މި ސްޕައިވެއަރ ފޯނަށް ނުވަތަ ކޮމްޕިއުޓަރަށް އިންސްޓޯލްވެއެވެ.
ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން ހާމަކުރާގޮތުގައި 2024 ވަނަ އަހަރު މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކަށް ވަނީ ވަދެގަނެފައެވެ. މިއީ އިޒްރޭލުގެ ޖާސޫސީ ކުންފުނިތަކުން އުފައްދާފައިވާ ނުރައްކާތެރި ޓެކްނޮލޮޖީއެކެވެ.
މިއީ އޮންލައިން އިޝްތިހާރު މެދުވެރިކޮށް ޒީރޯ-ކްލިކް ސްޕައިވެއަރއެއް ފޯރުކޮށްދޭކަން ދުނިޔެއަށް ފަޅާއެރި ފުރަތަމަ ފަހަރެވެ. އެއްވެސް ކްލިކް ކުރުމަކާ ނުލައި ފޯނު ހެކްކުރެވޭތީ، މިއީ އާންމުކޮށް ބޭނުންކުރާ އެންޓި-ވައިރަސް ސޮފްޓްވެއަރތަކުން ދެނެގަންނަން ވަރަށް އުނދަގޫ، އަދި ސަލާމަތްވާން ދަތި ނުރައްކާތެރި އުކުޅެކެވެ.














