އިނގިރޭސިވިލާތުގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ’ޕަލަސްޓައިން އެކްޝަން‘ އަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމާ ގުޅިގެން، އެ ޤައުމުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޮނަތަން ޕަވެލްގެ އަނބިކަނބަލުން ސާރާ ހެލްމްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ލިޔުންތެރިޔާ ސާރާ ހެލްމް ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައި ވަނީ، ފަލަސްޠީނާއި، ’ޕެލަސްތައިން އެކްޝަން’ގެ ހަރަކާތްތަކަށް ތާއީދުކުރާ ލިޔުންތެރިންނަށް އެހީތެރިވުމަށް އެދިފައެވެ. ފްރީސްޕީޗާއި އިންސާނީ ޙައްޤުތައް މުގުރާލާއި، މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ޓެރަރިޒަމާބެހޭ ޤާނޫނުގެ ދަށުން ’ޕެލަސްޓައިން އެކްޝަން‘ އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާޢަތަށް ތާއީދުކުރުމަކީ ޖިނާއީ ކުށަކަށް ވަނީ ހަދާފައެވެ. މެޓްރޮޕޮލިޓަން ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަން ޖެހޭތޯ ބަލަމުންދާކަން ކަށަވަރުކޮށްދީފައެވެ.
ސާރާ މި ޕޯސްޓުކޮށްފައިވަނީ، މަޝްހޫރު އައިރިޝް ލިޔުންތެރިޔާ ސެލީ ރޫނީގެ ފޮތްތައް އިނގިރޭސިވިލާތުގައި ވިއްކުން ހުއްޓާލުމާ ގުޅިގެންނެވެ. ސެލީ ރޫނީގެ ފޮތްތައް ވިއްކުން ހުއްޓާލީ، އޭނާގެ ފޮތްތަކުން ލިބޭ ފައިސާ ’ޕެލަސްޓައިން އެކްޝަން’އަށް ހަދިޔާކުރާނެކަމަށް ބުނުމާ ގުޅިގެންނެވެ.
މި މައްސަލަ ބޮޑުވެފައިވަނީ ސާރާގެ ފިރިމީހާއަކީ އިނގިރޭސި ސަރުކާރުގެ އެންމެ އިސް އެއް ސެކިއުރިޓީ އޮފިޝަލަށް ވުމުންނެވެ. އިނގިރޭސި ސަރުކާރުން ވަނީ ސާރާގެ މި ބަސްތަކަކީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށާއި، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބުނެފައެވެ.














