އިންވެސްޓްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދޮގު ވާހަކަތައް ފެތުރުމާއި އެފަދަ ފަރާތްތަކަށް ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަކީ، ގައުމުގެ އިގްތިސާދީ ކުރިމަގާއި ތަރައްގީއަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް އިގްތިސޯދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އޮތް ވާދަވެރިކަމުގެ ތެރެއިން، ރާއްޖެއާ ވާދަކުރާ ފަރާތްތަކަށް މިފަދަ ދޮގު މައުލޫމާތުތަކަކީ ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށް ފާހަގަކުރައްވަމުން، މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ޤައުމަށް ލިބިދާނެ ގެއްލުންތަކާމެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ގަބޫލުކުރަންދަތިވިޔަސް، ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިތަނބަކި ޓޫރިޒަމް ކަމަށާއި، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް” ވަމުންދާއެއްޗެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓޫރިޒަމްގެ ހަގީގަތް ނަފުރަތާއި ދޮގާއި ހަސަދައަކުން އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ހަމަ އެއާއިއެކު، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކަކާއި ހަރަކާތްތަކެއްވެސް ހިނގަމުންދާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި ކަމަށާއި، އެ ގާނޫނުތަކާ ހިލާފު އެއްވެސް އަމަލަކަށް ޖާގަ ނުދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެލުމެއްނެތި، ދޮގު ހަބަރުތަކާއި ނަފުރަތު އުފެދޭ ވާހަކަތައް ފެތުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.













