ކ. ދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ފަޅުން ބިން ހިއްކުމަށް ވެލި އެޅުމުގެ މަރުހަލާ ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ޖުމްލަ 19 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިހާރުވެސް ޑްރެޖަރު ބޭނުންކޮށްގެން ބާރަށް ކުރިއަށްދާ މި މަސައްކަތުގެ ތެރެއިން، ވެލި އެޅުމުގެ ބައި ވަރަށް އަވަހަށް ނިމި، ދެން ފެށިގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަރުހަލާއެވެ.
މި މަޝްރޫއުގައި ހަމައެކަނި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 500 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކުރުން ހިމެނެއެވެ. މި ސަރަހައްދު ހެދުމަށްޓަކައި 578 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އާބާދީގައި 1،200 އެއްހާ މީހުން ދިރިއުޅޭ ދިއްފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ފޯރިއާއެކު ހިނގަމުން އަންނަ ރަށެކެވެ. ނަމަވެސް މިހާރު ރަށުގައި އޮތް 23 ހެކްޓަރުގެ ބިމުން ހުރިހާ ޖާގައެއް ބޭނުންކޮށް، ބިން މުޅިން ފުރިފައިވުމުން ބޯހިޔާވަހިކަމަށާއި ވިޔަފާރީގެ އާ ފުރުސަތުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އަލަށް އިތުރުކުރެވޭ 19 ހެކްޓަރުގެ ބިމާއެކު ދިއްފުށީގެ ބޮޑުމިން ގާތްގަނޑަކަށް ދެގުނައަށް އިތުރުވެ، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.














