ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މަގުމަތި އަމާންކުރުމަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަން ފަސްނުޖެހި މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެހާދިސާއާއި ގުޅިގެން މިއަދު ނެރުވި ނޫސްބަޔާނެއްގައެވެ.
ރޭ ފަތިހު 04:29 އެހައިކަންހާއިރު ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހިނގި މި ހާދިސާގައި، ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ވަނީ މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް، ޖަހާފައިވާ ބެރިކޭޑުގައި ޖެހި، އެއާއެކު ގޮސް ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖައްސާފައެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތްތައް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެކެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެ މީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިކަމުގައި ޝާމިލްވާ އިތުރު ދެ މީހަކާއި ސައިކަލެއް ލޮކޭޓްކޮށް އެ މީހުންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވަމުން، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.












