ކުރިއަށް އޮތް އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް އާންމުންނަށް ހާމަކޮށްދީ، ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ޕްރެޝަރުތައް އިތުރަށް ބޮޑުކުރުމުގެ ފުޅާ ކެމްޕޭނެއް އީރާނުން ފަށައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކާއި އިސް މަސްއޫލުވެރިން މެދުވެރިކޮށް ކުރިއަށްގެންދާ މި ކެމްޕޭނުގައި، ހަނގުރާމައިގެ ސަބަބުން އެމެރިކާގައި ތެލުގެ އަގުތަކަށާއި އާންމު ދިރިއުޅުމުގެ ޚަރަދުތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތައް އަންނނީ ތަފްސީލުކޮށްދެމުންނެވެ. މިގޮތުން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް، އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް އަމާޒުކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިންފްލޭޝަން 3.7 އިންސައްތައަށް އުފުލި، ތެލާއި ޑީސަލުގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އިންޓްރެސްޓް ރޭޓްތައް އުފުލުމުގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ބާޒާރުގައި ޑީސަލް ގޭލަނެއްގެ އަގު ވަނީ 6.33 ޑޮލަރަށް އުފުލިފައެވެ. އަދި ޕެޓްރޯލް ގޭލަނެއްގެ އަގުވެސް ވަނީ 4.33 ޑޮލަރަށް އަރާފައެވެ.
މީގެއިތުރުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ ރައްޔިތުންނަށް ފޮނުވި ސިޓީއެއްގައި، ހަނގުރާމައަށް ހިނގާ ޚަރަދުތަކާ ގުޅޭގޮތުން ޓްރަމްޕް ހަނދަނީ ދޮގުތަކެއް ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މާކެޓްތަކުގައި އެމެރިކާގެ އިޤްތިޞާދަށް އޮތް އިތުބާރު ގެއްލި ބޮންޑުތައް ވިއްކާލަމުންދާތީ، ވެރިންގެ އަތްދަށުން ޤައުމުގެ ބާރުތައް އަނބުރާ ހޯދުމަށްވެސް އައިއާރްޖީސީން ވަނީ އެމެރިކާގެ ރައްޔިތުންނަށް ގޮވާލާފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އީރާނުގެ މައިގަނޑު ބޭނުމަކީ ކުރިއަށްއޮތް މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ހޯދައިދީ، ހަނގުރާމައަށް ބަޖެޓު ދިނުން ހުއްޓުވައި ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް މަގުފަހިކުރުމެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައިވީނަމަވެސް، އީރާނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.














