ސިނާމާލެ ބްރިޖު ހައިވޭގައި ޑިއުޓީ އަދާކުރުމުގައި ހަރަކާތްތެރިވި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ޖެހި، އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ރޭ ފަތިހު 4:29 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ފުލުސް މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސައިކަލު ދުއްވަން ހުރި މީހާއާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި އާންމުކޮށްފައެއް ނުވެއެވެ.
މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ސައިކަލު، ހާދިސާ ހިނގި ވަގުތު ހައިވޭގައި ތިބި ފުލުހުން ވަނީ ހުއްޓުވާފައެވެ.
މި ހާދިސާ ހިނގުމުގެ ކުރިންވެސް ރޭގެ ވަރަށް ގިނައިރުތަކެއް ވަންދެން ފުލުހުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި، ސިނާމާލެ ބްރިޖު ހައިވޭގެ އިތުރުން ހުޅުމާލޭގެ މައި މަގުތަކުގައި ބެރިކޭޑް ޖަހައިގެން ވެހިކަލްތައް ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ބާރަށް ވެހިކަލްތައް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ފުލުހުން މިހާރު ވަނީ ޓްރެފިކް ބެލެހެއްޓުމުގެ އުސޫލުތައް ވަރުގަދަކޮށް މަގުމަތީގެ ސުޕަވިޜަން އިތުރުކޮށްފައެވެ.













