ޔަމަނުގެ ދެކުނުގައިވާ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން އަލުން މިސައިލް ޙަމަލާތަކެއް ދީފިއެވެ.
ޔަމަނުގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓަށް ދެވުނު ދެވަނަ ޙަމަލާގައި ފޮނުވާލި ދެ މިސައިލްވެސް ވެއްޓިފައިވަނީ އެއާޕޯޓުގެ ސަރަޙައްދަށެވެ. މި ޙަމަލާ ދިން ވަގުތަކީ މިޞްރުގެ ޤާހިރާއަށް ދަތުރުކުރުމަށް ޔަމަނިއްޔާ އެއާވޭސްގެ ފްލައިޓެއް ނައްޓާލަން ތައްޔާރުވަމުންދިޔަ ވަގުތެއް ކަމަށްވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މި ޙަމަލާގެ ޒިންމާ ޙޫޘީން އަދި ރަސްމީކޮށް އުފުލާފައެއް ނުވެއެވެ.
މި ޙަމަލާއާއެކު ސަޢޫދީ އަރަބިއްޔާ އިސްވެއޮންނަ ޢަސްކަރީ ކޯލިޝަނުން ވަނީ ސަޢޫދީގެ ތެޔޮ އެކްސްޕޯޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޔަންބުއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ވައްޓާލާފައެވެ. މީގެއިތުރުން ރަތްކަނޑުގެ މަތިން ދަތުރުކުރި ދެ ކްރޫޒް މިސައިލާއި، ސަޢޫދީގެ ދެކުނު ސަރަޙައްދަށާއި ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ތިން ޑްރޯންވެސް ވަނީ ވައްޓާލާފައެވެ. ސަޢޫދީގެ ޖާޒާން ސަރަޙައްދަށާއި ޚަމީސް މުޝައިތަށް ސިވިލް ޑިފެންސް އިދާރާއިން އިންޒާރުގެ ނޯޓިސް ނެރެފައިވާއިރު، މެދުއިރުމަތީގެ މަޝްރަޙު ގޯސްވެ ތެޔޮ ލިބުމަށް ދަތިވެދާނެކަމުގެ ބިރު ބޮޑުވުމުން ބްރެންޓް ކުރޫޑް ތެލުގެ ފީފާއެއްގެ އަގު ވަނީ 110 ޑޮލަރަށް އުފުލިފައެވެ.
ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ފުޅާ ހަނގުރާމައިގެ ތެރެއިން ޔަމަނުގެ މަޝްރަޙު އަލުން ގޯސްވެފައިވާއިރު، ޙޫޘީން ދަނީ ސަޢޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެޔޮ އުފައްދާ ވަސީލަތްތަކުގެ އިތުރުން ޔަމަނު ސަރުކާރުގެ ކޮންޓްރޯލް ދަށުގައިވާ ރިޔާސީ ގަނޑުވަރަށްވެސް ޙަމަލާތައް އަމާޒުކުރަމުންނެވެ.
އެހީދޭ ޖަމާޢަތްތަކުން ވަނީ މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އިންސާނީ ނާޒުކު ޙާލަތު އިތުރަށް ގޯސްވެ، ކަންކަން ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ޙާލަތު ދަނީ ގޯސްވަމުންކަމުގެ އިންޒާރު ދީފައެވެ.













