ބާރު ސްޕީޑުގައި އައި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި، ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ބިނދި އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތިން ސައިކަލެއް އަނބުރާލި ވަގުތު، ނުހުއްޓުވި ބާރު ސްޕީޑުގައި ދުއްވާފައި އައި އަނެއް ސައިކަލު އައިސް ޖެހިގެންނެވެ.
އެކްސިޑެންޓްވި ވަގުތު އަނބުރާލި ސައިކަލުގައި އިން އަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، އޭނާގެ އެއް ފައި ވަނީ ބިނދިފައެވެ. މީގެ އިތުރުންވެސް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
މި ހާދިސާގައި އަނެއް ސައިކަލުގައި އިން ފިރިހެން މީހާއަށާއި 17 އަހަރުގެ ކުއްޖަކަށްވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން ފިރިހެން މީހާގެ މޫނުމައްޗަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލަށްވެސް ވަނީ އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.












