ފިޝަރީޒް މިނިސްޓްރީއާއި އެކު އައްޑޫ މީދޫ ކައުންސިލުން މުހިންމު 3 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި މުހިންމު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީސްޓޭޓް މިނިސްޓަރ އަޙްމަދު ހަސަން ދީދީއެވެ. އަދި މީދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް އަހުމަދު ޝާތިރުއެވެ.
އައްޑޫ މީދޫ ކައުންސިލާއިއެކު ފިޝަރީޒް މިނިސްޓްރީން އެއްބަސްވެފައިވާ މި މުހިންމު ތިން އެއްބަސްވުމަކީ:
މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޝަން ލެބެއް ގާއިމް ކުރުމަށް ވެވުނު އެއްބަސްވުން، މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުން، އަދި މީދޫގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމެވެ.
މީގެ ތެރެއިން ކޮކޮނަޓް ޕެސްޓް ރިހިބިލިޓޭޝަން ލެބުގެ އެއްބަސްވުމުގެ ދަށުން މީދޫގައި ކޮކޮނަޓް ޕެސްޓް ރިހެބިލިޓޭޝަން ލެބެއް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމުގައި މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ގްރީންހައުސްތަކެއް ހަދިޔާކުރުމާގުޅޭ ގޮތުން ވެވުނު އެއްބަސްވުމުިގެ ތެރެއިން މީދޫ ކައުންސިލަށް ގްރީންހައުސްތަކެއް ހަދިޔާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަމުގެ އިތުރުން ތަމްރީނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އެގްރޮފޮރެސްޓްރީ ދަނޑެއް ޤާއިމު ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަންވެސް މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ ކުރިން އެގްރޮފޮރެސްޓްރީ ދަނޑުތައް ގާއިމުކުރުމަށް ދިހަ ރަށަކާއިއެކު ވަނީ ފިޝަރީޒް މިނިސްޓްރީން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.














