ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިދުވަސްވަރަކީ އީގަލް ހިލްސް މަޝްރޫއުއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެކެވެ. މިކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ބުހުތާނު ދޮގުތަކެއް ކަމަށެވެ.
މިއާއިއެކު ޝުޖާއު ވިދާޅުވީ އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގައި، ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުން ލާޒިމްކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމާއި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވާނެތީ މިއީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއްކަންވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރާ ބުހުތާނު ދޮގުތަކެއް. އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގައި،…
— Ibrahim Shujau (@IbrahimShujaau) October 16, 2026
ރަސްމާލެ މަޝްރޫއު ހަގީގަތަކަށް ވިޔަނުދިނުމަށް އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ 99 އަހަރަށް ކުއްޔަށްދިނުމެވެ. އެހެންނަމަވެސް ރާއްޖޭގެ ޤާނޫނުގައިވެސް އޮންނަނީ އަލަށް ތަރައްޤީކުރާ ރަށްތައް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރުކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ފަޅުރައްތަށް މީގެކުރިންވެސް، އަދި މިހާރުވެސް ކުއްޔަށްދެނީ ހަމަ 99 އަހަރަށެވެ.













