މައްކާގެ މިސްކިތެއްގެ ތެރޭގައި އިސްލާމީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ބޭއަދަބީ އަމަލުތަކެއް ހިންގި މައްސަލައިގައި ކުށް ސާބިތުވި ބަންގްލަދޭޝްގެ ދެ ރައްޔިތަކަށް ސައޫދީ އަރަބިއްޔާއިން މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ.
ސައޫދީ ދާޚިލީ ވުޒާރާއިން ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި މަރުގެ އަދަބު ދީފައިވަނީ ބަންގްލަދޭޝްގެ އަންހެނެއް ކަމަށްވާ ސިތީ އަޚްތަރުގެ އިތުރުން ފިރިހެނެއް ކަމަށްވާ ނަޒްރުލް އިސްލާމް އަބްދުލް ބަސީރުގެ މައްޗަށެވެ.
އެ ދެމީހުން ހައްޔަރުކުރީ މައްކާގެ މިސްކިތެއްގެ ތެރޭގައި އިސްލާމީ އުސޫލުތަކާ މުޅިން ޚިލާފު ނާތަހުޒީބު އަމަލުތަކެއް ހިންގަމުން ދަނިކޮށް ސަލާމަތީ ބާރުތަކުން ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު ޝަރީއަތަށް ހުށަހެޅުމުން، އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ކޯޓުން ވަނީ އިސްލާމީ ޝަރީއަތުގެ ދަށުން ތައުޒީރީ އުސޫލުން މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައެވެ.
ޝަރުއީ އެންމެ މަތީ މަރުޙަލާތަކުން ވެސް މި ހުކުމް ދަމަހައްޓާފައިވާ އިރު، ރަސްމީ އަމުރެއްގެ ދަށުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު މައްކާގެ ސަރަހައްދުގައެވެ.
ސައޫދީ ދާޚިލީ ވުޒާރާއިން ވަނީ ﷲ ގެ ގޭކޮޅުތަކުގެ ހުރުމަތް ކަނޑައި، ގައުމުގެ އަމަންއާމަންކަމަށް ބުރޫއަރާފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގެ ދަށުން އެންމެ ހަރުކަށި އަދަބު ދިނުމުގައި އެގައުމު ދެމިއޮންނާނެ ކަމަށް އަލުން ކަށަވަރުކޮށްދީފައެވެ.











