ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އަނބުރާ ދެއްކުމުގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީ، ރާއްޖެއަށް ބޮޑު މާލީ ލުޔެއް ހަމަޖައްސައިދީފިއެވެ.
މި ފެސިލިޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު ސޮއިކުރެވުނު ’ސާކް ކަރަންސީ ސްވޮޕް ފްރޭމްވަރކް‘ ގެ ދަށުން ހަމަޖައްސައިދީފައިވާ އެހީތެރިކަމެކެވެ. މީގެ ފުރަތަމަ ބުރުގެ ގޮތުގައި ކަނޑައެޅުނު 30 ބިލިއަން ރުޕީސް ރާއްޖެއަށް ދޫކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ގައެވެ.
2024 އިން 2027 އަށް އެކުލަވާލެވިފައިވާ މި އޮނިގަނޑުގެ ދަށުން ކުރިއަށްދާ އިންޑިއަން ރުޕީ ސްވޮޕް އިންތިޒާމަކީ، އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބަލާއިރު ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާ ފެސިލިޓީއެކެވެ. 2012 ވަނަ އަހަރު މި ނިޒާމު ތައާރަފުކުރި ފަހުން، ރާއްޖޭގެ މާލީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އިންޑިއާގެ ރިޒާވް ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސްވޮޕް އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
މީގެއިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށްޓަކައި އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ ބޮންޑުވެސް ގަނެފައެވެ. އަދި އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓްރެޒަރީ ބިލް ރާއްޖެއިން އަނބުރާ ދެއްކުމުން، އެ ބިލްތަކަށް އަރާފައިވާ އިންޓްރެސްޓްގެ ގޮތުގައިވާ 42.8 މިލިއަން ޑޮލަރުވެސް އިންޑިއާ ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
އިންޑިއާއިން ހާމަކުރި ގޮތުގައި އެ ގައުމުގެ ’ނެއިބަރހުޑް ފަސްޓް‘ ސިޔާސަތާއި ’މަހާސާގަރު‘ ތަސައްވުރުގެ ދަށުން، ރާއްޖެއަށް އަބަދުވެސް ހާއްސަ އިސްކަމެއް ދެއެވެ. އަދި އެންމެ ގާތް އަވަށްޓެރިޔާގެ ހައިސިއްޔަތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ވަނީ ދީފައެވެ. މި އެހީތެރިކަމާއެކު ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވިފައިވާ އިގްތިޞާދީ އަދި ބޭންކިން ދާއިރާގެ ލަނޑުދަނޑިތައް ފުރިހަމައަށް ތަންފީޒުވެގެންދާނެއެވެ.














