ރާއްޖޭގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރޭގައި ހިމެނޭ ތަފާތު ހުނަރުވެރި ކުދިންނަށް އެކުދިންގެ ކުޅަދާނަކަން ސާބިތުކޮށްދެވޭނެ މަގުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގެ ތެރެއިން، ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައަކު ހުށަހެޅި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހުއެވެ. ހއ. ކެލާއަށް ނިސްބަތްވާ ޚަދީޖާ ނަމަކަށް ކިޔާ އެ މަންމަ ވަނީ، އޭނާގެ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅަކީ ކުރެހުމުގެ ދާއިރާއިން އާދާޔާޚިލާފު މޮޅު ހުނަރެއް ލިބިފައިވާ ކުއްޖެއްކަން ފާހަގަކޮށްފައެވެ.
އެ މަންމަ ހާމަކުރި ގޮތުގައި، ދަރިފުޅަކީ ސިކުނޑީގެ އުނިކަމެއް ހުރުމުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުގައިވީ ނަމަވެސް، ފަންސުރާއި ގަލަމުން ނުހަނު ފުރިހަމައަށް ކުރަހާ ކުއްޖެކެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ކުދިންގެ ހުނަރު ފާހަގަކޮށް ކުރިއަށް ދިއުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ނެތުމަކީ ބޮޑު ދަތިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
މީގެއިތުރުން ރަށްރަށުގައި ތަޢުލީމާއި ތަމްރީނު ލިބޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތިބޭ އާއިލާތަކަށް މާލެއަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވާކަންވެސް އޭނާ ފާހަގަކުރިއެވެ. އަދި އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަންގައި ދަރިފުޅު ބައިވެރިވި ނަމަވެސް، އޯޓިޒަމް ހުންނަ ކުއްޖަކަށްވާތީ ގިނައިރު ސްޓޯލްގައި ނުހުރެވޭނެތީ ކުރެހުންތައް އެކަނި ބެހެއްޓޭނެ ގޮތެއް ހަދައިދިނުމަށް އެދުމުންވެސް އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.
މި ޝަކުވާތަކާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، އެފަދަ މުބާރާތްތަކާއި އެގްޒިބިޝަންތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުޞަތު ފުޅާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުންވެސް އެފަދަ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ލިބެންޖެހޭނެ ކަމަށެވެ. އަދި އެ ކުއްޖާގެ ހުނަރު ކުރިއަރުވައި ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.














