ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ދެމިތިބުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ކޮމިޝަނަރ މިކަމަށް އިލްތިމާސްކުރެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ހަވަނަ އިންސްޕެކްޓަރ ކޯސް ނިންމުމުގެ ގޮތުން އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކަށް ބަދަލުވާ ފުލުހުންނަކީ އަމަލީ މައިދާނުގައި މުއައްސަސާއާއި ރައްޔިތުން އެދޭފަދަ ޤާބިލު ލީޑަރޝިޕެއް ދައްކައި، ބޮޑެތި ޒިންމާތަކާ ހަވާލުވެވޭނެ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ފުލުހުންގެ ތަމްރީނުތަކަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ފުރިހަމަ ބޭނުން ހިފަންވާނީ މުއައްސަސާގެ ފެންވަރު ދަމަހައްޓައިގެން ޚިދުމަތުގައި ދެމިތިބެގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުމްލަ ނުވަ މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ކޯސް ފުރިހަމަކޮށް 35 އޮފިސަރަކު ވަނީ ދަސްވެނިވެފައެވެ. މިއީ ނަން-ކޮމިޝަންޑް ރޭންކުތަކުގައި ތިބި އޮފިސަރުން ކޮމިޝަންޑް އޮފިސަރުންގެ ގިންތިއަށް ބަދަލުވެ، އިސް ލީޑަރޝިޕްގެ ޒިންމާތަކަށް ތައްޔާރުކުރުމުގެ ގޮތުން ހިންގުނު މުހިންމު ކޯހެކެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަޙްމަދު ނަދީމެވެ.
ފުލުހުންގެ މުވައްޒަފުން ތަމްރީނުކޮށް ޢިލްމީ އަދި ހުނަރުގެ ފެންވަރު މަތިކުރުމަކީ އަބަދުވެސް ޚާއްޞަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދާނީ ޢިލްމީ ގޮތުން ޤާބިލު، ތަޖުރިބާކާރު އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެންސީޕީއެލްއީގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.











