ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޅ. ނައިފަރާއި ޅ. އޮޅުވެލިފުށީގައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި ހިނގާ މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ނައިފަރުން ހައްޔަރުކޮށްފައިވަނީ އެ ރަށު ސޯސަންވިލާ، ޙަސަން ހުޝާމު (35އ) އަދި ކަދުވަލުގެ، އާދަމް ނަޞީރު (32އ) އެވެ.
މީގެ އިތުރުން، އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކޮށްފައިވަނީ ޝެހެނާޒްގެ / ޅ. އޮޅުވެލިފުށި، މުޙައްމަދު އަފްރާޙް (28އ) އެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ވަނީ ފެނިފައެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނައިފަރުން ހައްޔަރުކުރި ޙަސަން ހުޝާމާއި އާދަމް ނަޞީރުގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ދީފައެވެ. އަދި އޮޅުވެލިފުށިން ހައްޔަރުކުރި މުޙައްމަދު އަފްރާޙް އަށް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.














