ޖާގަ ކުދި ތަންތަނުގައި ދަނޑުވެރިކަން ކޮށްގެން އެދެވޭ ނަތީޖާއެއް ނެރުމަށް ޒަމާނީ އެގްރިކަލްޗަރަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ކަން ފާހަގަކުރައްވައި، ގޭގޭގައި ގަސްއިންދައިގެން ދަނޑުވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކާއެކު ކުދި ޖާގަތަކުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި ލިބެން ހުރި ޖާގައަކަށް ބަލައި ގޭގޭގައި ދަނޑުވެރިކަމުގެ ހަރަކާތްތައް ހިންގައިގެން ފައިދާ ހޯދުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ގޭގޭގައާއި ގޯތިތެރޭގައި ގަސްގަހާގެހި ހެއްދުމަކީ ތަންތަން ފެހިވެ، ވައިގެ ނަލަކަން ރަނގަޅުވެ، ރަނގަޅު ފެންވަރުގެ ކާނާ ފަސޭހައިން ލިބުމަށް މަގުފަހިވާނެ ކަމެއްކަން ފާހަގަކުރައްވައި، ގޭގޭގައި ދަނޑުވެރިކަން ކުރުމުގެ ފުޅާ ފައިދާތަކަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ގަސްއިންދައި ހެއްދުމަށް ހުރިހާ ދިވެހިންވެސް އިސްކަންދިނުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ގަސްގަހާގެހި ހައްދާއިރު ސިއްހީގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.














