ކޮންމެ އަހަރެއްގެ ވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަދުވެގެން ފަސް މިސްކިތެއް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާ ދެމެދު ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
”އުރީދޫ މަސްޖިދުނާ“ އިނީޝިއޭޓިވްގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ތަރައްޤީއާއި މަރާމާތަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ދެމެހެއްޓެނިވި ޕްރޮޖެކްޓެކެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު ޝާދީ ޤަވާސްމީއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި، އެ ތަންތަނުގައި ހުރި ވަސީލަތްތައް ތަރައްޤީކޮށް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރާއި އުރީދޫ ގުޅިގެން ސިލްސިލާކޮށް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދީނީ އަދި އިޖުތިމާއީ ގޮތުން މުޖުތަމަޢަށް ނުހަނު ބޭނުންތެރި ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.
އުރީދޫގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އިސްލާމިކް މިނިސްޓްރީއާއި އުރީދޫގެ އަމާޒަކީ މި ގުޅުމުގެ ތެރެއިން މިސްކިތްތައް މަރާމާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.














