މާލެއާއި އަތޮޅުތަކުގެ ޔުޓިލިޓީ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، ހދ. ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ބަދަލާއެކު ކުޅުދުއްފުށީގައި ސްޓެލްކޯގެ ޚިދުމަތްތައް ފެށުމުގެ ގޮތުން އެ ސިޓީގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި އެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އައު އަދި ހަރުދަނާ މިސްރާބަކަށް އެ ކަންކަން ގެންދެވުމަށްޓަކައި ކަމަށެވެ.
ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ހިންގުމުގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރ 7 ވަނަ ދުވަހުއެވެ. އެއީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި ޒަމާނީ ފެންވަރުގެ ކަރަންޓުގެ ޚިދުމަތެއް ދިނުމަށް އިތުރު މަގުފަހިވެގެންދާނެއެވެ.














