މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ”ރަން ދިހަފަހެއް“ ނޫޓު ސީރީޒްގައި ހިމެނޭ 5 ރުފިޔާގެ އައު ޗާޕެއް މާދަމާ ދައުރުވާ ފައިސާގެ ތެރެއަށް ނެރުމަށް ނިންމައިފިއެވެ.
އެމްއެމްއޭއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 5 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެން މިއަދު (14 އޮކްޓޫބަރު 2026) އެ އޮތޯރިޓީއަށް އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. އަދި މި އައު ސްޓޮކް، ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ފަށާނީ މާދަމާ (15 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. މިއީ 2017 ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން މި ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ފަހަރެވެ.
މާދަމާ ނެރުމަށް ހަމަޖެހިފައިވާ 5 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން (ރ.) ވަނީ ހިމަނާފައެވެ. މިގޮތުން ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތު މަތީގައިވާ މޫނުމަތީ އަގާއެކު، އަދި ނޫޓުގެ ފަހަތުގެ ކަނާއަތްފަރާތު މަތީގައިވާ މޫނުމަތީ އަގާއެކުގައެވެ. މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ޞަފަރު 1447) އެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި އިގްތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި، ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް އަބަދުވެސް ނޫޓު ޗާޕުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދެއެވެ. އަދި 5 ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ގިނަ އަދަދަކަށް ބޭނުންކުރި ނަމަވެސް، ބޭންކުތައް މެދުވެރިކޮށް އަނބުރާ އެމްއެމްއޭއަށް ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއް ކަމަށްވާތީ، ކޮންމެ އަހަރަކުވެސް އާންމުންނަށާއި ބޭންކުތަކަށް މި ނޫޓު ގިނަ އަދަދަކަށް ދޫކުރަންޖެހެއެވެ.
މާދަމާ މި އައު ޗާޕުގެ ނޫޓުތައް ދައުރުކުރުމަށް ނެރުނު ނަމަވެސް، މިހާރު ބޭނުންކުރަމުންދާ 5 ރުފިޔާގެ ނޫޓުތައް ވެސް ކުރިއެކޭ އެއްފަދައިން ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.














