ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސަޢޫދީ އަރާމްކޯގެ މައި މަރުކަޒަށް ހޫޘީން ދިން މިސައިލް ޙަމަލާއެއް އަމާޒުވެއްޖެއެވެ. މި ޙަމަލާއަކީ ހޫޘީން ސަޢޫދީގެ ތެޔޮ ކާރުޚާނާތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދިން ޙަމަލާއެކެވެ. މިއާއެކު ސަޢޫދީ ކޯލިޝަނުން ވަނީ ޔަމަނުގައި ހުރި ހޫޘީންގެ ތެޔޮ ގުދަންތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.
ސަޢޫދީގެ އެނަރޖީ މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ދަހްރާންގައި ހުންނަ އަރާމްކޯގެ އިދާރީ އިމާރާތަކަށް ވަނީ ޙަމަލާއެއް އަމާޒުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ބެލިސްޓިކް މިސައިލެއް އެރީ އިމާރާތުގެ އެންމެ މަތީ 3 ފަންގިފިލާއަށެވެ. އަދި އެތަނުގައި އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ހަމައެއާއެކު ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލްތަކެއް ސަޢޫދީއިން ވަނީ ވައްޓާލާފައެވެ. މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން 15 ގެއަކަށް ގެއްލުންވެ، 4 ޢާންމުންނަށް (ދެ އަންހެނުން، ފިރިހެނެއް އަދި ކުޑަކުއްޖަކަށް) ވަނީ އަނިޔާވެފައެވެ.
މި ޙަމަލާތަކާ ގުޅިގެން ސަޢޫދީ ކޯލިޝަނުން ވަނީ ޔަމަނުގެ ވެރިރަށް ޞަންޢާއާއި ހުދައިދާގައި ހުރި ހޫޘީންގެ ތެޔޮ ސްޓޭޝަންތަކަށާއި ގުދަންތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ބުނީ މިއީ ހޫޘީންގެ އަސްކަރީ ބާރު ކަނޑާލުމަށް ދިން ޙަމަލާތަކެއް ކަމަށާއި، ޢާންމުންނަށް ގެއްލުން ނުވާނެހެން ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތުކުރި ގޮތުގައި، ހޫޘީން ސަޢޫދީގެ އުމްރާނީ ތަންތަނަށް ޙަމަލާދެމުން އެދަނީ އެމެރިކާގެ އިންތިޚާބާ ދިމާކޮށް ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ބޭނުމުގައި ކަމަށެވެ. މިއާއެކު އެމެރިކާއިން ޔަމަނަށް ސީދާ ޙަމަލާދިނުމާ މެދު ދަނީ މަޝްވަރާކުރަމުންނެވެ.














