ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އުޅަނދުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުންނެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ވަގަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ސިފައިން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތެއްގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 12 ވީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފް އެއަރ ކޯރގެ ވައިގެ އުޅަނދުތަކާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ.
އަތުލައިގަނެވުނު ބޭރުގެ މި 3 މަސްބޯޓު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ސަރަޙައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މި ބޯޓުތަކާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ މަސްކަނޑުތައް 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކޮށް، ދިފާޢީ ބާރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.














