މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށައިޖެހޭ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ދޮރުން ދޮރަށް ހިނގައި، ސީދާ ރައްޔިތުންގެ ގާތުން ކަންބޮޑުވުންތައް އަަޑު އެހުން. މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވަށައި ޖެހޭ ހައްލެއް ބޭނުންވޭ.…
— Faisal Naseem (@FaisalNasym) October 13, 2026
ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި އަބަދުވެސް ކުރާ އެންމެ މުހިންމު އެއް ކަމަކީ ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ސީދާ އެމީހުންގެ ކަންބޮޑުވުންތަކުގެ އަޑު އެހުމެވެ. އަދި ރައްޔިތުންގެ އިހުސާސްތައް އެންމެ ގާތުން އިހުސާސް ކުރެވޭނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، މި މައްސަލައަށް އަވަސް އަދި ވަށައިޖެހޭ ފުރިހަމަ ހައްލެއް ބޭނުންވާ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދީގެން ޙައްލު ކުރަން މަސައްކަތް ކުރާނެ އެއް މައްސަލަ އަކީ މިއީ،“ ފައިސަލް ނަސީމް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސިޔާސަތުތައް އެކުލަވައިލުމަކީ އެމްޑީޕީގެ މައިގަނޑު އަމާޒު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.














