އެމެރިކާގެ މެދުވެރިކަމާއެކު ގެނައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަހަރެއް ވެފައިވާއިރު، އިޒްރޭލު ސިފައިން ވަނީ ޣައްޒާގައި ކަނޑައަޅާފައިވާ ’ރީނދޫ ރޮނގު‘ އިތުރަށް ކުރިއަށް ޖައްސާފައެވެ.
މިދިޔަ ހަފްތާބަންދުގައި އިޒްރޭލު ސިފައިން ވަނީ ޣައްޒާ ސިޓީގެ ޝުޖާޢިއްޔާ ސަރަޙައްދުގައި ހުރި ރީނދޫ ކުލައިގެ ކޮންކްރީޓް ބްލޮކްތައް ހުޅަނގަށް ޖައްސާފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި ރޮނގު ފުރަތަމަ ކަނޑައެޅިއިރު ޣައްޒާގެ 53 އިންސައްތަ އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައެވެ. ނަމަވެސް ފާއިތުވި އަހަރުގެ ތެރޭގައި އިޒްރޭލުން ދިޔައީ މަޑުމަޑުން މި ރޮނގު ކުރިއަށް ޖައްސައި އިތުރު ބިންތައް ހިފަމުންނެވެ. އދ. އިން ލަފާކުރާ ގޮތުގައި މިހާރު ޣައްޒާގެ 65 އިންސައްތަ އޮތީ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށުގައެވެ.
މި ރޮނގު ކުރިއަށް ޖެއްސުމާއެކު، އެ ސަރަޙައްދުގައި ޓެންޓު ޖަހައިގެން ދިރިއުޅެމުންދިޔަ އެތައް ޢާއިލާއަކަށް ވަނީ އަނެއްކާވެސް އެތަން ދޫކޮށްދާން މަޖުބޫރުވެފައެވެ. މީގެ ތެރޭގައި ގިނައީ މީގެ ކުރިންވެސް އެތައް ފަހަރަކު ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ރައްކާތެރި ސަރަޙައްދެއް މިހާރު ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގެ ސަރުކާރުން ބުނާގޮތުގައި ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން އިސްރާއީލުން ވަނީ 5,400 އަށްވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފައެވެ. އަދި މި ރޮނގު ކައިރިން އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.














