ޔަމަނުގެ ވެރިރަށް ޞަންޢާގެ ކައިރީގައި ހުރި މުހިންމު ތެޔޮ ގުދަނަކަށް ސަޢޫދީ ކޯލިޝަނުން ވަރުގަދަ ވައިގެ ޙަމަލާއެއް ދީފިއެވެ.
މި ޙަމަލާ ދިނުމުގެ ކުރިން، ސައޫދީ ކޯލިޝަނުން ވަނީ ޞަންޢާގެ ހުޅަނގުން އޮންނަ އަލް-ސަބާހާ ސަރަޙައްދުގައި ހުރި ޔަމަން ޕެޓްރޯލިއަމް ކޮމްޕެނީ (ވައިޕީސީ) ގެ ތެޔޮ ގުދަން ކައިރީގައި ދިރިއުޅޭ ޢާންމުން އެ ސަރަޙައްދުން ދުރުވުމަށް އަންގައި އިންޒާރު ދީފައެވެ. މި އިންޒާރަށްފަހު، އެ ތަނަށް ވަނީ ބޮން އަޅާފައެވެ. ނަމަވެސް ވައިޕީސީ އިން ބުނެފައިވަނީ އެ ގުދަނުގައި މިވަގުތު އެއްވެސް ތެލެއް ރައްކާކޮށްފައި ނުވާނެ ކަމަށެވެ.
ސަޢޫދީއިން ޞަންޢާއަށް ޙަމަލާދިނުމަށް އިންޒާރު ދިނުމާއެކު، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވަނީ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. އޭނާ ބުނެފައިވަނީ ރިޔާޟްގެ އެއަރޕޯޓަށާއި، ރިޔާޟްގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށާއި، އަދި ދައްމާމްގައި ހުރި ސަޢޫދީ އަރާމްކޯގެ މަރުކަޒަށް ޙަމަލާދޭނެ ކަމަށެވެ.
އަދި މިތަންތަނާ ކައިރީގައި އުޅޭ ސަޢޫދީގެ ޢާންމު ރައްޔިތުންނާއި މަސައްކަތްތެރިން އެތަންތަނާ ދުރަށް ދިއުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.














