ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި 2018 ވަނަ އަހަރު ހިންގި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި ރަސްމީ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވި ނަމަވެސް، އަދަބު ކަނޑައެޅުން އޮތީ ކުރިއަށް އޮތް އަޑުއެހުމެއްގައެވެ.
މި ނިންމުމަކީ މި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް ކުށް ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ނިންމި ނިންމުމެކެވެ. ދީނާ އަދި ސަޢީދުގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައެވެ.
މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ފެނަކަ އާއި ބްލޭޒަން އިންކާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ނުނިމެނީސް، އެކަން ކަށަވަރުކުރުމެއް ނެތި ވަނީ ފައިސާ ދޫކޮށްފައެވެ. އަދި އެ މަސައްކަތް ނިމުމަކަށް ނާންނަނީސް އިތުރު އެއްބަސްވުމެއް ހަދާފައިވާކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުމާއި ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވުން ހުއްޓުވުމަށްޓަކައި ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހެއެވެ. އަދި އެފަދަ ކަންކަމަށް ލުއި ދިނުމަކީ ކޮރަޕްޝަނަށް އިތުރަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
ކުށް ސާބިތުވެފައިވާ ދީނާއަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ކުރިއަށް އޮތް ދުވަސްތަކުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.














