ކުރިއަށް އޮތް ފުޓްސަލް މުބާރާތްތަކަށް ވޭމަންޑޫ ފުޓްސަލް ޓީމު ތައްޔާރުވެ، ޓީމުގެ އެކި އެކި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އެ ރަށުގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ”ވެޔޮ ގުރޫޕް“ ގެ ފަރާތުން 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ދީލަތި މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ މަގުސަދުގައި ވެޔޮ ގުރޫޕުން ވެދިން މި މާލީ އެހީތެރިކަމަކީ ކުރިއަށް ހުރި މުބާރާތްތަކަށް ނުކުންނައިރު ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ވޭމަންޑޫ ފުޓްސަލް ޓީމުގެ އޮފިޝަލުން ވަނީ ފާހަގަކުރައްވާފައެވެ.
މި އެހީތެރިކަމުގެ އިތުރުންވެސް، ވޭމަންޑޫ ފުޓްސަލް ޓީމުގެ ކާމިޔާބީގެ ފަހަތުގައި ވެޔޮ އެކަޑަމީގެ މިންނެތް ބުރަ މަސައްކަތް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. އެގޮތުން ވޭމަންޑޫ ފުޓްސަލް ޓީމުގައި މިހާރު ހިމެނޭ ގިނަ ކުޅުންތެރިންނަކީ ވެޔޮ އެކަޑަމީގެ ތެރެއިން ތަމްރީނުވެ، ހުނަރުވެރިކަން ތަރައްޤީކުރަމުން އަންނަ ކުޅުންތެރިންނެވެ.
ވޭމަންޑޫގައި ފުޅާ ދާއިރާއެއްގައި އެކިއެކި ވިޔަފާރިތައް ކުރަމުން އަންނަ ވެޔޮ ގުރޫޕަކީ ރަށުގެ ރައްޔިތުންގެ މެދުގައި ބޮޑު އިހުތިރާމަކާއި ލޯތްބެއް ހޯދާފައިވާ ކާމިޔާބު ކުންފުންޏެކެވެ. އެ ގުރޫޕުން އަންނަނީ ރަށުގެ އިޖުތިމާޢީ ކަންކަމުގައްޔާއި ރަށްވެހި ތަރައްޤީގެ އެކި ދާއިރާތަކުގައި އަބަދުވެސް ރަށުވަންތަ ލޯތްބާއެކު ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވެޔޮ ގުރޫޕުން ވެދިން މި އަގުހުރި އެހީތެރިކަމާ ގުޅިގެން ވޭމަންޑޫ ފުޓްސަލް ޓީމުންނާއި ރަށުގެ ރައްޔިތުން ވަނީ އެ ގުރޫޕުގެ ވެރިންނަށާއި މެނޭޖްމަންޓަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އަދި އެ ގުރޫޕުގެ ވިޔަފާރިއަށް އަދަށްވުރެ ފާގަތި، ކާމިޔާބު މުސްތަޤްބަލަކަށްވެސް އެފަރާތްތަކުން ވަނީ އެދިފައެވެ.














