ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކޮންމެ މަގުސަދެއްގައި ވިދާޅުވި ނަމަވެސް، ވައްކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ހަދީސްފުޅު ހަނދުމަފުޅު ހުރުމުން އުފާކުރައްވާ ކަމަށް ވިދާޅުވެ، ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެމަނިކުފާނަށް ރައްދެއް ދެއްވައިފިއެވެ.
މި ރައްދު ދެއްވާފައިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަލަފްގެ ނިންމުންތައް އާއިލީ ގުޅުންތަކަށް ބަލައިގެން ބައްޓަންވެދާނެ ކަމަށް ދޭހަވާ މޭރުމަކުން ޑރ. ޖަމީލް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުންޏާ މެދު ސަލަފުން ދިރާސާ ކުރަމުންދާ ކަމަށް ބުނާ ޚަބަރަކަށް އިޝާރާތް ކުރައްވައި، ޑރ. ޖަމީލް ވަނީ ވައްކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ މަޝްހޫރު ހަދީސްފުޅެއް ހިއްސާ ކުރައްވާފައެވެ.
الحمدلله.. ކޮންމެ މަޤްޞަދެއްގައި ވިދާޅުވިނަމަވެސް ތިޔަ ޙަދީޘް ހަނދާންވީތީ ވ.ހިތްހަމަޖެހިއްޖެ.. ދިވެހިރާއްޖޭގެ ޖަސްޓިސް މިނިސްޓަރު ކަމާ، ޚާއްޞަ މަޖިލީހުގެ މެންބަރުކަމާ، ގައުމުގެ ނައިބު ރައީސް ކަމުގައި ހުންނެވިއިރު މިޙަދީޘްމަތީން ހަދުމަނުވިތާނގައި،އަތްކެނޑުމުގެ ޙައްދު އުވާލައި -+ https://t.co/wt3muQoAsq
— Abdullah bin janaab (@binjanaab) October 13, 2026
ޑރ. ޖަމީލަށް ރައްދު ދެއްވަމުން ޝެއިޚް ޢަބްދުﷲ އިތުރަށް ސުވާލު ކުރެއްވީ، ޖަސްޓިސް މިނިސްޓަރު ކަމާއި، ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ނައިބު ރައީސްކަމުގައި ހުންނެވިއިރު އެ ހަދީސްފުޅުގެ މަތިން ހަނދުމަފުޅު ނެތީތޯއެވެ. އަދި އަތްކެނޑުމުގެ ހައްދު އުވާލައި، ޖިނާއީ ގާނޫނު އިސްލާމީ ޝަރީއަތާ ބީރައްޓެހި މިސްރާބަކަށް ބަދަލުކުރުމުގައި ޑރ. ޖަމީލުގެ ހިއްސާ ބޮޑު ކަމަށާއި، ކޯޓުތަކަށް މޫނުބުރުގާ އަޅައިގެން ކަނބަލުން ވަނުން މަނާކުރީވެސް އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށުން ކަން ޝެއިޚް ހަނދާންކޮށްދެއްވިއެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތަފާތު ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، އެ އެއްބަސްވުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ތަނެއް އިސްރާއީލްގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޢަބްދުﷲ މުއްތަލިބް ވަނީ ދެއްވާފައެވެ.











