ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މި ތަމްރީނު ކޯސް ފެށުމުގެ ގޮތުން ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ އަސްކަރީ އަހުލާގާއި ސިފަވަންތަކަން ހިފަހައްޓާ، ހަރުދަނާ ސިފައިންގެ ބައެއްގެ ގޮތުގައި ދެމިތިބުމަށް ކޯހުގެ ބައިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މި ބުރަ ތަމްރީނު ކާމިޔާބުކަމާއެކު ނިންމުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، ތަމްރީނުތައް ކުރިއަށްގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މުދައްރިބުންނަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޮމްޕެނީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤެވެ. އަދި ދަރިވަރުން ތަމްރީނުކުރުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް ވައުދު ލައިދެއްވީ މި ކޯހުގެ ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ޝާތިރެވެ.
ޖުމްލަ 149 ދަރިވަރުންނާއެކު ފެށި މި ކޯހުގައި 27 އަންހެން ސިފައިން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ސީޑީއެސްއެސްގެ އިސް ވެރިންގެ ތެރެއިން ޑެޕިއުޓީ ކޮމާންޑަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރާއި، ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާންގެ އިތުރުން އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.














