މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އިން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގެ ދަށުން ޑްރައިވަރުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގައި ޖުމްލަ 29 ބައިވެރިން ބައިވެރިވެއެވެ.
އެމްޓީސީސީން އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވާ 29 މީހުންގެ ތެރެއިން 18 މީހުންނަކީ ކާރު ޑްރައިވަރު ކޯހުގެ ބައިވެރިންނެވެ. އަދި 11 މީހުންނަކީ ބަސް ޑްރައިވަރު ކޯހުގެ ބައިވެރިންނެވެ. މި ޕްރޮގްރާމް ފެށިފައިވަނީ މި ސެކްޓަރަށް ބޭނުންވާ ހުނަރުވެރި ބަޔަކު ތަމްރީނުކުރުމުގެ މަގުސަދުގައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ ޓްރެފިކްގެ ގަވާއިދުތަކާއި އުސޫލުތައް އުނގަންނައިދިނުމަށެވެ. އަދި ޑްރައިވްކުރުމުގެ އަސާސީ ހުނަރުތަކާއި ރައްކާތެރިކަމާއެކު ޑްރައިވްކުރުމަށް ބޭނުންވާ ތަފާތު ޓެކްނިކްތައް ދަސްކޮށްދިނުމަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ބޮޑަށް ސަމާލުކަންދެއެވެ.
އެ ކުންފުނިން ފާހަގަކުރިގޮތުގައި މި އިސްނެގުމުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި، މަސްއޫލިއްޔަތު އަދާކުރާ އަދި ރައްކާތެރިކަމަށް ސަމާލުކަންދޭ ޑްރައިވަރުން ބިނާކުރުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަގުތަކުގައި ދުއްވުން އިތުރަށް ރައްކާތެރިވެ، ދަތުރުފަތުރުގެ ދާއިރާއަށް އިތުބާރު ކުރެވޭނެ ހިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މި ޕްރޮގްރާމަކީ އެމްޓީސީސީން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.














