ސްކޫލްތަކުގައި ’ސެކިއުލަރ‘ (ލާދީނީ) ހަރުކަށި ފިކުރު ޑްރެސް ކޯޑެއް ތަޢާރަފުކޮށް، ދަރިވަރުންނާއި ޓީޗަރުން ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އަޒަރުބައިޖާނުގައި ބޮޑެތި މުޒާހަރާތަކެއް ފެށިއްޖެއެވެ.
ފާއިތުވި ސެޕްޓެމްބަރު މަހު އަޒަރުބައިޖާނުގެ ސަރުކާރުން ފާސްކުރި އައު ލާދީނީ ހަރުކަށި ޤަވާއިދުތަކެއްގެ ދަށުން، ސްކޫލްތަކުގައި މުސްލިމް އަންހެން ދަރިވަރުން އައުރަ ނިވާކޮށް ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. މި ޤަވާއިދުތަކަށް ޢަމަލުކުރަން ފެށުމާއެކު، ޙިޖާބުވެ އިސްލާމްދީނުގެ ހަމަތަކާ އުޞޫލުތަކުގެ ތެރޭގައި ތިބެގެން ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލަށް ވަނުން ވަނީ މަނާކޮށްފައެވެ.
މިކަމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. ބަކޫގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ވަނީ ބުރުގާ އަޅާ ކުދިންނަށް ސްކޫލަށް ނުވަދެވޭތީ، އެކަމާ ދެކޮޅުހެދުމުގެ ގޮތުން ކްލާސްތަކަށް ދިއުން ހުއްޓާލައި ބޮއިކޮޓްކޮށްފައެވެ. މީގެ އިތުރުން ތުރުކީގައި ހުންނަ އަޒަރުބައިޖާންގެ ކޮންސިއުލޭޓް ކައިރީގައިވެސް ވަނީ މުޒާހަރާކޮށްފައެވެ.
މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވެރިރަށް ބަކޫ އިން 37 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިންޓީރިއަރ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މުޒާހަރާތަކުގެ މަންޒަރުތައް ފެތުރުން ހުއްޓުވުމަށްޓަކައި، އިންސްޓަގްރާމް އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުވަދެވޭގޮތަށް ލާދީނީ ހަރުކަށި ފިކުުރު ސަރުކާރުން ވަނީ ބްލޮކްކޮށްފައެވެ.














