އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) ގެ ފަރާތުން ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ”މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮން އެންޓިކޮރަޕްޝަން ލޯއެންފޯސްމެންޓް ކޯޕަރޭޝަން“ ގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާގައި ބައިވެރިވުމާ މެދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުން ވެސް ވޯޓުދެއްވީ ބައިވެރިވުމަށް ތާއީދުކޮށެވެ. މި ނިންމުމާއެކު ދައުލަތުގެ މާލިއްޔާއަށް ހިޔާނާތްތެރިވުން، ރިޝްވަތު ދިނުން ނުވަތަ ހިފުން، މަނީލޯންޑަރިން އަދި އަދުލު އިންސާފަށް ހުރަސްއެޅުން ފަދަ ކުށްތަކާ ދެކޮޅަށް އޯއައިސީގެ މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެންދާނެއެވެ.
މި މުއާހަދާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި، މާލީ ހާމަކަން އިތުރުކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ހޯދާފައިވާ މުދާ އަނބުރާ ދައުލަތަށް ހޯދުމަށް އޯއައިސީގެ ދަށުން ގުޅިގެން މަސައްކަތްކުރުމެވެ. މި މުއާހަދާގެ ބިންގާ އެޅުނީ 2022 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި އޯއައިސީގެ ހާރިޖީ ވަޒީރުން ބޭއްވި ބައްދަލުވުމެއްގައެވެ.
ގައުމުތަކުން މި މުއާހަދާގައި ސޮއިކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ. މިހާރު 21 ގައުމަކުން މި މުއާހަދާގައި ސޮއިކޮށްފައިވެއެވެ.
މި މުއާހަދާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނެނީ:
•ކޮރަޕްޝަނާއި މާލީ ކުށްތަކާ ގުޅޭ ޖާސޫސީ މައުލޫމާތު މެންބަރު ގައުމުތަކުގެ މެދުގައި ބަދަލުކުރުން.
•ތަހުގީގުތަކާއި ދައުވާތައް ހިންގުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމާއި، ގާނޫނީ އެހީތެރިކަން ދިނުން.
•ކުށްކޮށްގެން ހޯދާ މުދާ ހުރި ތަންތަން ދެނެގަނެ، އެ މުދާ ހިފެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުން.
•މީހުން ތަމްރީން ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ މައުލޫމާތު ބަދަލުކުރުން.
•ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެން ޖަމިއްޔާ، ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުން.
މި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުން ދައުލަތުގެ މާލިއްޔާއަށް ހިޔާނާތްތެރިވުން، ރިޝްވަތު ދިނުން ނުވަތަ ހިފުން، މަނީލޯންޑަރިން އަދި އަދުލު އިންސާފަށް ހުރަސްއެޅުން ފަދަ ކުށްތައް ހުއްޓުވުމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ލާޒިމުކަމެކެވެ.














