ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ސަރުކާރަށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެސެޓް ރިކަވަރީ ބިލާ ގުޅޭގޮތުން، އެފަދަ ކުށްތައް ހުއްޓުވުމަށް ކުށްވެރިންނަށް ވުރެ ”ސްމާޓް“ ވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން މި އިސްލާހަކީ މިވަގުތު ކޮންމެހެން ވެސް އަންނަންޖެހޭ އަދި ކުށްކުރާ ފަރާތްތަކަށް ވުރެ ދައުލަތް ކުރިއަށް ޖެހިލަންޖެހޭ ބިލެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ކިތަންމެ ފުރިހަމަ ގާނޫނެއް ފާސްކުރި ނަމަވެސް، އެ ގާނޫނާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ފުރިހަމައަށް ނުކުރެވޭނަމަ، އެ ގާނޫނުގެ އެންމެ ފުރިހަމަކަން ފެނިގެނެއް ނުދާނެ ކަމަށް މެމްބަރު ފާހަގަކުރިއެވެ. އެގޮތުން ހާއްސަކޮށް، ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ކަންތައްތަކުގައި ކުށްކުރާ ފަރާތްތަކުން އެ މުދާ ފޮރުވުމަށްޓަކައި ވަރަށް ގިނަ ރޭވުންތައް ރާވާނެކަން ވެސް ފާހަގަކުރެއްވިއެވެ.
”އެހެންވީމާ އެ އުސޫލުން ބަލާއިރު އަޅުގަނޑުމެން އެއަށްވުރެ ސްމާޓް ވެގެން ނޫނީ އެއަށްވުރެ ކުރިއަށް ގޮސްގެން ނޫނިއްޔާ އެކަންތައްތައް ފަހިވެގެނެއް ނުދާނެ،“ ސައުދުﷲ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، މިއީ ވަރަށް ބޮޑެތި ކުށްތަކުގެ ވާހަކަ ކަމަށާއި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް މަސައްކަތްކުރާއިރު، އެ ހުރިހާ ކަމަކަށް ހެއްކާއި ގަރީނާ ލިބެންޖެހޭނެ ގޮތަކަށް އެކަން ކުރެވުން މުހިންމުކަމަށެވެ.
އަދި މި ގާނޫނުގެ ސަބަބުން މިހާރު އަމަލުކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ބޭނުން ކެނޑި، އެ ގާނޫނުތައް އުނިވެގެންދާނެ ކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މި ބިލު ތަސްދީގު ކުރާތާ ހަ މަސް ފަހުން ނޫނީ އަމަލުކުރަން ނުފެށޭނެ ކަމަށް ބިލުގައިވާތީ އެކަމަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ސަބަބަކީ މި ހަ މަސް ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާތައް ގޮތްގޮތަށް ބަދަލުކޮށް ނުވަތަ ގެއްލުވާލާ ހެދުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ވިދާޅުވަމުން، މެމްބަރު އެދިވަޑައިގަތީ މި ގާނޫނަށް ވީހާވެސް އަވަހަކަށް އަމަލު ކުރުމުގެ ފުރުސަތު ލިބިގެންދިއުމަށެވެ.














