އޮފީހެއްގެ ގޮތުގައި ތަނެއް ދައްކައިގެން މާލެ ތެރެއަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ސަޕްލައިކުރަމުންދިޔަ ހ. މާދޫގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި އިންޓެލިޖެންސް ގުޅިގެން ރޭގެ ވަގުތެއްގައި ފެށި މި ހާއްސަ އޮޕަރޭޝަނުގައި މާދޫގޭގެ ފުރަތަމަ ފްލޯ އާއި ފަސްވަނަ ފްލޯ ވަނީ ބަލައިފާސްކޮށްފައެވެ. އެ ގޭގެ ތެރެއިން އަތުލައިގަތް ބަނގުރާ ކޭސްތައް އަތުރާލާފައި ހުރީ އިދާރީ މަސައްކަތް ކުރާ އޮފީހެއްގެ ސިފަޖައްސާފައިވާ ތަނެއްގައެވެ.
އެ ތަނުން ބަނގުރަލުގެ އެކި ބާވަތްތަކުގެ އިތުރުން ޕްރިންޓަރާއި އިދާރީ މަސައްކަތްތަކަށް ބޭނުންކުރާ އެހެނިހެން ސާމާނުތައްވެސް ވަނީ ފެނިފައެވެ. ފުލުހުން ވަނީ އެ ސަރަހައްދަށް ނޫސްވެރިން ވައްދައި، އަތުލައިގަތް ތަކެތި މީޑިއާއަށް ދައްކާލާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ ބިދޭސީންނެވެ. މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.













