ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ހަވާލުކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 161 މަޝްރޫއެއް އަދިވެސް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެ އެއްބަސްވުންތައް ބާތިލުކުރުމުގެ އުސޫލު ގެޒެޓްކޮށް، އަންނަ ހަފްތާގައި އެކަމަށް އަމަލުކުރަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ، ރޭ ބޭއްވި ”އަހާ“ ފޯރަމްގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިއުމަކީ އާއްމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. ނުނިމިހުރި މި ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބައެއް ތަންތަން 20 އިން 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަނެއް ބައި ތަންތަން 10 އިން 12 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހާތަނަށް މިކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ކޮންމެ ރަށަކާއި ފަޅަކީވެސް ރައްޔިތުންގެ މުދާކަމަށާއި، އެގޮތަށް ދޫކޮށްލެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑުގެ ގަބޫލުކުރުމުގައި ރައްޔިތުންގެ ހައްޤު ރައްކާތެރިކުރުމަށް ރައީސް ނިންމެވި މުހިންމު ނިންމުމެއް މިއީ،“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މި ރަށްރަށާއި ފަޅުތައް ދޫކޮށްފައިވަނީ ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމައި ހުޅުވަން ލާޒިމުކޮށް ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. ނަމަވެސް މަޝްރޫއުތައް ނުނިމުމުގެ ސަބަބުން ބައެއް ފަރާތްތަކުން 600 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި މައްސަލަތަކަށް ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވާ ކަމެއް ކަމަށާއި، މިކަމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، ސީޕީ ރެގިއުލޭޝަން ހަތަރު ބަޔަކަށް ބަހާލައި، އެއްބަސްވުންތައް ބާތިލުކުރެވޭނެ ގޮތްތައް ކަނޑައަޅައި، އެ އުސޫލު މިހާރު ގެޒެޓްކޮށްފައިވާ ކަމަށާއި، އަންނަ ހަފްތާގައި މިކަމަށް އަމަލީ ގޮތުން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވަނީ ޔަގީންކަން ދެއްވާފައެވެ.














