ޔަމަނުގެ ދެކުނުހުޅަނގުގައި އޮންނަ މުހިންމު ސިޓީއެއް ކަމަށްވާ ތަޢިއްޒު ހިފުމަށްޓަކައި ހޫޘީންނާއި ޔަމަނުގެ ރަސްމީ ސަރުކާރުގެ ސިފައިންގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިފައިވާއިރު، އެ ސިޓީގެ ހޮސްޕިޓަލްތައް އެއްކޮށް ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެއްޖެއެވެ.
ހޫޘީން ވަނީ ތަޢިއްޒު ސިޓީ ވަރަށް ބޮޑަށް ހިސާރުކޮށްފައެވެ. މީގެ ސަބަބުން ތެލާއި، ބޭހާއި، އަދި ޞިއްޙީ ސާމާނު އެ ސިޓީއަށް އެތެރެކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، މި ތަކެތި ނުލިބިއްޖެނަމަ އޮޕަރޭޝަން ތިއޭޓަރުތަކާއި، އައިސީޔޫ އަދި ޑައިލިސިސް ފަދަ މުހިންމު ޚިދުމަތްތައް ހުއްޓާލަން ޖެހޭނެއެވެ. މީގެ ސަބަބުން ބަލިމީހުންނަށާއި، މާބަނޑު މީހުންނަށާއި ކުޑަކުދިންގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.
ސަޢޫދީ ކޯލިޝަންގެ ވައިގެ ޙަމަލާތަކުގެ އެހީގައި، ޔަމަނު ސަރުކާރުގެ ސިފައިން ދަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ މުޚާ، ޛުބާބް އަދި ބާބް އަލް-މަންދަބް ހިފުމަށް ކުރިއަރަމުންނެވެ. މިތަންތަން މިވަގުތު އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ. ނަމަވެސް، މުޚާ ސިޓީގެ އިރުމަތިން، ހޫޘީން ދަނީ ތަޢިއްޒު ސިޓީ އެއްކޮށް ފެންނަން އޮންނަ ’ޖަބަލް ސާބިރު‘ ފަރުބަދައިގެ ސަރަޙައްދުތައް ހިފަމުންނެވެ.
އަސްކަރީ ތަޖުރިބާކާރުން ބުނާގޮތުގައި، ހޫޘީންނަށް ޖަބަލް ސާބިރު ފަރުބަދަ ހިފިއްޖެނަމަ، އެއީ ޔަމަނު ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އެ ފަރުބަދަ ހިފައި، އަދި ސިޓީގެ ހިސާރު އިތުރަށް ވަރުގަދަކޮށްފިނަމަ، މުޅި ތަޢިއްޒު ސިޓީ ހޫޘީންގެ އަތްދަށަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.














