ޔަމަނުގެ ދެކުނުހުޅަނގުގައި އޮންނަ މުހިންމު ސިޓީއެއް ކަމަށްވާ ތަޢިއްޒު ހިފުމަށްޓަކައި ހޫޘީންނާއި ޔަމަނުގެ ރަސްމީ ސަރުކާރުގެ ސިފައިންގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިއްޖެއެވެ.
ސަޢޫދީ ކޯލިޝަންގެ ވައިގެ ޙަމަލާތަކުގެ އެހީގައި، ޔަމަނު ސަރުކާރުގެ ސިފައިން ދަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ މުޚާ، ޛުބާބް އަދި ބާބް އަލް-މަންދަބް ހިފުމަށް ކުރިއަރަމުންނެވެ. މިތަންތަން މިވަގުތު އޮތީ ހޫޘީންގެ ބާރުގެ ދަށުގައެވެ.
ނަމަވެސް، މުޚާ ސިޓީގެ އިރުމަތިން، ހޫޘީން ދަނީ ތަޢިއްޒު ސިޓީ އެއްކޮށް ފެންނަން އޮންނަ ’ޖަބަލް ސާބިރު‘ ފަރުބަދައިގެ ސަރަޙައްދުތައް ހިފަމުންނެވެ. އަސްކަރީ ތަޖުރިބާކާރުން ބުނާގޮތުގައި، ހޫޘީންނަށް ޖަބަލް ސާބިރު ފަރުބަދަ ހިފިއްޖެނަމަ، އެއީ ޔަމަނު ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި އެ ފަރުބަދަ ހިފައިފިނަމަ، މުޅި ތަޢިއްޒު ސިޓީ ހޫޘީންގެ އަތްދަށަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ.














