ރާއްޖޭގެ ތަރައްގީއަށް ކޮންމެ ވެރިކަމެއްގައިވެސް ބޮޑެތި މަޝްރޫއުތައް ބޭނުންވާ ކަމަށާއި، ރައްޔިތުންގެ ތަނަވަސްކަން އިތުރުވުމަކީ މުޅި ޤައުމުގެ މެޖޯރިޓީ ރައްޔިތުންގެ އެދުމެއް ކަމަށް ޝުޖާއު ވިދާޅުވެއްޖެއެވެ. ނަމަވެސް، ވެރިކަންކޮށްފައި ތިއްބެވި ބޭފުޅުންގެ އަމިއްލަ އެދުމާއި ނޭއްގާނީ އަމަލުތަކުގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާ ފަހި ފުރުސަތުތައް ބީވެގެންދާ ކަމަށް އޭނާ ފާހަގަކުރައްވާފައިވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދީގެން ތަރައްގީ ކުރާ މަޝްރޫއާއި ގުޅޭގޮތުން ކުރީގެ ވެރިންގެ ފަރާތުން ފެންނަ ކަންކަމަށް އިޝާރާތްކުރައްވައެވެ. އޭނާގެ ޕޯސްޓްގައިވާ ގޮތުން، ވެރިކަން ކޮށްފައި ތިއްބެވި ހުރިހާ ވެރިން ވެސް މި މަޝްރޫއަށް ތާއީދު ކުރައްވައެވެ. ނަމަވެސް، މި ބޭފުޅުން މި މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަނީ ހީލަތްތެރި ވިސްނުމެއްގައި ކަމަށާއި، އެބޭފުޅުންގެ ބޭނުމަކީ މި މަޝްރޫއުން އަމިއްލައަށް މަންފާއެއް ލިބޭތޯ ބެލުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.
މުޅި ޤައުކުގެ މެޖޯރިޓީ ރައްޔިތުން މިއަދު އެދެނީ ޤައުމަށް ލާބަޔާ މަންފާ ލިބޭ ބޮޑެތި މަޝްރޫޢުތައް ކޮންމެ ވެރިކަމެއްގައިވެސް ލިބެން.ރައްޔިތުންނަށް ތަނަވަސްކަން އިތުރުވާން.ނަމަވެސް ހިތާމައަކީ މިޤައުމުގެ ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭ ވެރިކަން ކޮށްފައި ތިއްބަވާ ވެރިން އެމީހުންގެ…
— Ibrahim Shujau (@IbrahimShujaau) October 11, 2026
ޝުޖާއު ވަނީ، ވެރިކަންކޮށްފައި ރައްޔިތުންގެ ފައިސާއިން މުސާރަދީ، އޮފީސް ހިންގަން ރައްޔިތުންގެ ފައިސާ ނަންގަވާ ވެރިންނަށް، އެކަން ހުއްޓަވާލެއްވުމަށް ގޮވާލައްވާފައެވެ. މި މަޝްރޫއަކީ ވެރިކަން ކޮށްފައި ތިއްބެވި ވެރިންނަށް މަންފާ ލިބޭ ގޮތަށް ރައީސް މުއިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫއެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. މިއީ ދިވެހި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނެ ގޮތަށް ރައީސް މުއިއްޒު ހިންގަވަން ބޭނުންފުޅުވާ މަޝްރޫއެއް ކަމަށް ޝުޖާއުގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި ފަލަސްތީނާއި އިޒުރޭލުގެ މައްސަލައާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ވެސް ޝުޖާއު ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން، ރައީސް ޔާމީން ފަލަސްތީނުގެ ހައްގުގައި ނުކުރައްވާ މަސައްކަތް ރައީސް މުއިއްޒު މި 3 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ކުރައްވާ، އެކަން ފަލަސްތީނުގެ ރައްޔިތުންނަށާއި ދުނިޔެއަށް ސާބިތުކޮށްދެއްވާފައިވާ އޭނާ ވަނީ ވިދާޅުވެފައެވެ.













