ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ފުދުންތެރިކަން ހޯދައިދީ މުޖުތަމަޢުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ސިޔާސަތުގެ ދަށުން މިހާތަނަށް 416 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިރޭ ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތަކީ އެއްވެސް ޙާލަތެއްގައި މަޑުޖައްސާލާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަރާތްތަކަކީ އެހެން މީހުންނެކޭ އެއްގޮތަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ޤީލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި ވަޒީފާއެއް ދިނުން ނޫން ކަމަށާއި، މަސައްކަތުގެ މާޙައުލުގައި އެ މީހުންނަކީ ބަލައިގަންނަ ބޭނުންތެރި ބައެއްގެ ގޮތުގައި ބިނާކުރުން ކަމަށެވެ. އެގޮތުން ވަޒީފާ ދިނުމުގެ ކުރިން އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓްތައް ހަދައި، އެކަށީގެންވާ ވަޒީފާތައް ދެނެގަތުމުގެ އިތުރުން މަސައްކަތުގެ މާޙައުލު ތައްޔާރުކޮށް، އެކުގައި އުޅޭ މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް އާންމުކޮށް ފަހިކޮށްދެނީ ސަރުކާރުގެ ކުންފުނިތަކާއި އިދާރާތައް މެދުވެރިކޮށެވެ. ނަމަވެސް، ކުންފުނިތައް ރައިޓްސައިޒްކުރުމަށާއި އިދާރީ އޮނިގަނޑަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާ ކަމަށް ވަޒީރު އެއްބަސްވެވަޑައިގެންނެވިއެވެ.
މިއަހަރުގެ މިހާތަނަށް ވަޒީފާ ބޭނުންވި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނާއި ކުންފުނިތަކާ ގުޅިގެން އިތުރު ފުރުޞަތުތައް ހޯދުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އަދި އެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބި، ކުންފުނިތަކުން އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ލިބެމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.














