ގއ. ވިލިނގިލީ ފަޅުގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކާއި ރިސޯޓުތަކެއް ތަރައްޤީކުރުމަށް ހިންގާ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިރޭ ބޭއްވި ”އަހާ“ ފޯރަމްގައި، އެ މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަލުން ފަށައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އައު ކޮންޓްރެކްޓަރަކާ މުޅި މަސައްކަތް ހަވާލުކޮށްގެންނެވެ.
ވިލިނގިލީ ފަޅުތެރޭގައި އިންޓަރނޭޝަނަލް އެއާޕޯޓެއްގެ އިތުރުން 17 ރިސޯޓު ތަރައްޤީކުރުމާއި، އެއާޕޯޓު އަޅާ ރަށާއި ވިލިނގިލި ކޯޒްވޭއަކުން ގުޅާލުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ޔޫއޭއީގެ ބުރުޖް ޚަލީފާ އިމާރާތްކުރި ބެލްޖިއަމްގެ ބީސިކްސް ގުރޫޕާއެކުގައެވެ.













