ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު ބިޔަ މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލެ މަޝްރޫއު ހުއްޓުވަން އެމްޑީޕީއާއެކު ރައީސް ޔާމީން ކުރައްވާ މަސައްކަތާ މެދު ހުރީ ކޮން ތަފާތެއްތޯ ސުވާލު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވަރުގަދަ ސުވާލުތަކެއް ޔާމީނަށް ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މާޒީގައި އެމްޑީޕީން ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވަން އުޅުނު އުސޫލުން، މިއަދު ރަސްމާލެ މަޝްރޫއު ހުއްޓުވަން ރައީސް ޔާމީން އުޅުއްވާ ކަމަށެވެ. އަދި އޭރު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށް ވިދާޅުވެ، ވެރިކަމުގެ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުންނަށް މިއަދު ޣައްދާރުވެވެނީ ރައީސް ޔާމީނަށް ނޫންތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.
އޭރުގެ ސަރުކާރުން ސައޫދީ އަރަބިއްޔާގެ ކުންފުންޏަކާ ގުޅިގެން ފ. އަތޮޅަށް އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވީ އިދިކޮޅުގައި އޮތް އެމްޑީޕީން ކުރި އިހުތިޖާޖުތަކާއި ހުރަސްއެޅުންތަކުގެ ސަބަބުން ކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައިނުގަންނަ ހިސާބަށް ކަންކަން ދިޔައީތޯ ސުވާލު ކުރައްވާފައެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި، ގައުމަށް ރަނގަޅާއި ނުބައި ވަކިކުރަން އެނގޭ ވަރަށް ދިވެހިންގެ ތަސައްރުފު ފުދިފައިވާ ކަމަށެވެ. އަދި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކުރިއަށްދާނެ މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއު ހުއްޓުވައިނުލެވޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.













